ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި 10 މީހަކަށް ދައުވާ ކުރަނީ
އަދަދު
15 ޑިސެމްބަރު 2025 | ހޯމަ | 10:32
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓު ކޮންޓެއިނަރުތަކެއް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންގެ މައްޗަށް ޖިނާއީ ދައުވާތައް ކުރަން ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި ކަމަށެވެ.
ނަމަވެސް އޭގެ ތެރެއިން މުހައްމަދު ޝަރީފު، ދަފްތަރު ނަންބަރު ރސ 1355، ގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތުމުން، އޭނާގެ ބައި އަނބުރާ ފުލުސް އޮފީހަށް ފޮނުވާލާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. މިއީ މި މައްސަލައިގައި ހައްޔަރު ކުރި ކަމަށް ފުލުހުން ބުނި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ވެސް ނޫނެވެ.