އެމްޓީސީސީއާ ހަވާލުކުރި ދިއްދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓު ވެސް އެމްއޭސީއެލްގެ ޕެނިންސުލާއަށް
އަދަދު
16 ޑިސެމްބަރު 2025 | އަންގާރަ | 2:09
އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓާ، ބިން ހިއްކުމަށާއި ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގަން އެމްއޭސީއެލްއިން އުފެއްދި ޕެނިންސުލާ އިންފްރާސްޓްރަކްޗާއިން ހަވާލުވެއްޖެ އެވެ.
ދިއްދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ގޮތުން އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި އެ ރަށުގައި ހުންނަވާ، ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓު ހުޅުވަން ކަމަށް ވިދާޅުވެފަ އެވެ.
މުއިއްޒު ވަނީ އެ ދުވަހު ވެސް، މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައުލޫމާތު ސާފުކުރުމުން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރިލް 19، ގައި ކަމަށެވެ.