އަހަރެއް ވީއިރު ވެސް އެންމެ ހިދުމަތެއް ވެސް ނުދެވޭ ޑިވެލޮޕްމަންޓު ބޭންކަށް ބޮޑު މުސާރައިގައި 10 މެނޭޖަރުން ނަގަނީ
އަދަދު
16 ޑިސެމްބަރު 2025 | އަންގާރަ | 7:13
ރަސްމީކޮށް ހުޅުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް އެންމެ ހިދުމަތެއް ވެސް ފޯރުކޮށްދީފައި ނުވާ މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަށް ބޮޑު މުސާރައިގައި 10 މެނޭޖަރުން ނެގުމަށް މިއަދު އިއުލާންކޮށްފި އެވެ.
ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުން އެއްވެސް ހިދުމަތެއް ދޭން ފަށައިފައެއް ނުވެ އެވެ. އެތަނުގެ ހިދުމަތް ދޭން ނުފެށި އުޅެނިކޮށް މިދިޔަ މާޗު 23، ގައި އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަށް ދެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުދޭތީކަން ފަހުން ވަނީ ހާމަވެފަ އެވެ.