ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔަކަށް އެޗްއާރުސީއެމްގެ މެންބަރަކު ހުންނަ ގޮތަށް ގަވާއިދު ބަދަލުކޮށްފި
އަދަދު
16 ޑިސެމްބަރު 2025 | އަންގާރަ | 8:00
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިޔަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރަކަށް މެނުވީ ނުހުރެވޭ ގޮތަށް އެ ޔުނިޓުގެ ހިންގާ ގަވާއިދު ބަދަލުކޮށްފި އެވެ.
އެ ގާނޫނުގެ ބެލެނިވެރި އިދާރާއަކީ އެޗްއާރުސީއެމް ކަމަށްވާއިރު ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓު ގާއިމުކޮށްފައިވަނީ އެ ކޮމިޝަނުގަ އެވެ. ނަމަވެސް، ގާނޫނު ބުނާ ގޮތުން އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ލިބެ އެވެ.
އިއްޔެ ގަވާއިދަށް ބަދަލު ގެނެސް ގެޒެޓު ކޮށްފައިވާއިރު ކުރިން އޮންނަ ގޮތުން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ ކަނޑައަޅަނީ އެޗްއާރުސީއެމް އިންނެވެ. އެއީ އެޗްއާރުސީއެމްގެ މެންބަރަކަށް ވާން ޖެހޭ ކަމަށް ގަވާއިދެއް ނުބުނެ އެވެ. ނަމަވެސް މިފަހަރު ގަވާއިދު ބަދަލުކުރީ އެޗްއާރުސީއެމްގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ ޔުނިޓުގެ ވެރިޔަކަށް އައްޔަނުކުރަން ޖެހޭ ގޮތަށެވެ.