މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި
އަދަދު
17 ޑިސެމްބަރު 2025 | ބުދަ | 11:05
ރައީސް މުހައްމަދު މުއިއްޒު ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއިން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި އެވެ.
އެ މުޒާހަރާ ފެށީ ގައުމީ ފެންވަރުގައި ފާހަގަކުރާ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10، ގަ އެވެ. ހުޅުމާލޭ ކަންނެލި ޖެޓީން ފެށި މުޒާހަރާގައި ބައިވެރިވި 49 އުޅަނދު އެ ދުވަހު މެންދުރު މިސްރާބު ޖެހީ މާލެއަށެވެ.
މާލޭގެ ނެރުތައް އެމްއެންޑީއެފް އާއި ފުލުހުން ބަންދުކުރިއިރު އެ ރޭ ދޯނިތައް ނަގިލި ލައިގެން ތިބީ މާލޭ އެއް ނަންބަރު ފާލަމުގެ ބޭރުން ކަނޑުގަ އެވެ. ނަމަވެސް ޖެހިގެން އައި ޑިސެންބަރު 11 ވަނަ ދުވަހު އިހުތިޖާޖު ރޫޅާލައި މީހުން ހައްޔަރުކުރީ ކޯޓު އަމުރެއް ވެސް ނެތި ދޯނިފަހަރަށް ފުލުހުން އަރައިގެންނެވެ.