ބަޔޯމެޓްރިކްސް ދިން ބިދޭސީންނަށް ވޯކް ޕާމިޓެއް ހޯދަން ތިން މަސް، އެއަށް ފަހު "މާސް ޑިޕޯޓޭޝަން" ކެމްޕެއިނެއް
އަދަދު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 12:39
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ފަށައިގެން އުޅޭ "އޮޕަރޭޝަން ކުރަނގި" ގެ ދެން އޮންނާނީ ބަޔޯމެޓްރިކްސް ދީފައި ހުރި ބިދޭސީންނަށް ވޯކް ޕާމިޓް ހޯދަން ފަހު ފުރުސަތު ދިނުމަށް ފަހު، ވާކް ޕާމިޓް ނެތް ހުރިހާ ބިދޭސީން ޑީޕޯޓުކުރުމުގެ ބޮޑު ހަރަކާތެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ގުޅިގެން، ހިންގަމުން އަންނަ މި އޮޕަރޭޝަނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުގެ ތެރޭގައި ހައްލުކުރުމަށް އަމާޒު ހިފައިގެން މިދިޔަ އަހަަރުގެ މެއި 2، ގައި ފެށި އޮޕަރޭޝަނެކެވެ.
އެ ގޮތުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މާލެ ސަރަހައްދުގައި ތިބި ހުރިހާ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި މޫނު ދެނެގަނެވޭ ވަރަށް ސާފު ފޮޓޯ ނަގައި، ބަޔޯމެޓްރިކްސް އަދާހަމަކުރުމެވެ. އެއަށް ފަހު މުޅި ރާއްޖެއަށް މި އޮޕަރޭޝަން ފުޅާކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކުގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތުތައް ވަނީ ނަގާފަ އެވެ.