އދ ގެ އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑުގެ މެންބަރަކަށް ޝައުނާ އައްޔަންކޮށްފި

އަދަދު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 9:33

އދ. ގެ އާންމު މަޖިލީހުން 2021 އިން 2030ގެ ނިޔަލަށް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އަމާޒުކޮށް ހިންގާ "ޔޫއެން އޯޝަން ޑެކޭޑް" ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރަކަށް، ރާއްޖޭގެ ކުރީގެ މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.

"ޔޫއެން އޯޝަން ޑެކޭޑް" އަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅުކުރުމަށް އަމާޒުކޮށް އދ. އިން ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތްތައް ވިލަރެސްކޮށް ތަންފީޒުކުރުމުގެ ޒިންމާ އދ. އިން ހަވާލުކޮށްފައިވަނީ ޔުނެސްކޯގެ އިންޓަގަވަމަންޓަލް އޯޝަނޯގްރަފިކް ކޮމިޝަން އާއެވެ. މިއީ ދުނިޔޭގެ 152 ގައުމެއްގެ މައްޗަށް އެކުލެވޭ، ކަނޑުތަކުގެ ހާލަތު މެނޭޖްކޮށް ހަރުދަނާކުރުމުގެ ޒިންމާ އުފުލާ މުހިންމު އިދާރާއެކެވެ.

އާމިނަތު ޝައުނާ އައްޔަންކުރެވުނު އޯޝަން ޑެކޭޑް އެޑްވައިޒަރީ ބޯޑަކީ މި މަޝްރޫއުގެ މަސައްކަތްތައް ރޭވުމާއި، ބަލައި މޮނިޓަ ކުރުމުގެ އިތުރުން، ޔުނެސްކޯގެ އައިއޯސީ އަށް ބޭނުންވާ ފަންނީ މަޝްވަރާއާއި ލަފާ އެރުވުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. މި ބޯޑުގެ މެމްބަރުންގެ ލަފާގެ މަތިން، ދުނިޔޭގެ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ކަނޑުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި ރީސާޗްތައް ހޯދައި، ކަނޑުތަކުގެ ދިރުން އިއާދަކުރުމަށް މަސައްކަތް ކުރާނެއެވެ.

މައުޟޫޢުތަށް