މެދުއިރުމަތީގެ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ބައެއް ފްލައިޓުތައް ޑިލޭވެއްޖެ
އަދަދު
19 ޑިސެމްބަރު 2025 | ހުކުރު | 2:16
މެދުއިރުމައްޗަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ގައުމުތަކުގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބުރޫ އެރުމުގެ ސަބަބުން ބައެއް ފްލައިޓުތައް ކެންސަލްކޮށް ގިނަ އަދަދެއްގެ ފްލައިޓު ޑިލޭވެއްޖެ އެވެ.
އިއްޔެ އާއި މިއަދު ވެސް މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އަންނަނީ ގަދަ ވަޔާއި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުންނެވެ. އެގޮތުން ދުނިޔޭގެ އިރުމަތީ ބިތާއި ހުޅަނގު ބިތް ގުޅުވާލަދޭ މައި އެއާޕޯޓު ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން އޮޕަރޭޓު ކުރާ އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫ އަރާފަ އެވެ.
އޭގެ ތެރެއިން ބައެއް އެއާލައިންތަކުން ރާއްޖެއަށް އަޅާ ފްލައިޓުތައް ޑިލޭވެ އަނެއް ބައި ފްލައިޓުތައް ވަނީ ކެންސަލް ވެފަ އެވެ. އެގޮތުން އެއާ އަރަބިއާ، ފްލައި ދުބާއީ، އެމިރޭޓްސްގެ ފްލައިޓުތަކެއް ވަނީ ޑިލޭވެފަ އެވެ. އަދި އެއާ އަރަބިއާގެ މެންދުރު ފްލައިޓު ވަނީ ކެންސަލްކޮށްފަ އެވެ.