އެޕްސްޓީން ފައިލްސްގެ ބައެއް އެމެރިކާ ސަރުކާރުން އާންމުކޮށްފި، ގިނަ މައުލޫމާތުތައް ސިއްރު!
އަދަދު
20 ޑިސެމްބަރު 2025 | ހޮނިހިރު | 11:50
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން އާއި ދެކޮޅަށް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ކުރި ތަހުގީގަށް ހޯދި ލިޔެކިޔުންތަކާއި ފޮޓޯތައް، ނުވަތަ "އެޕްސްޓީން ފައިލްސް" ގެ ބައެއް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން މިއަދު އެ ފައިލްތަކުގެ ބައެއް އާންމުކުރީ، ތަހުގީގަށް ހޯދި ހުރިހާ ލިޔެކިޔުމެއް އާންމުކުރަން ޖެހޭނެހެން މިދިޔަ މަހު އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ބިލުގެ ސަބަބުންނެވެ.
އެ ބިލުގައި ހުރިހާ ލިޔެކިޔުމެއް މިއަދުގެ ކުރިން ހާމަކުރަން ޖެހޭނެ ކަމަށް އޮތް ނަމަވެސް، ބައެއް މައުލޫމާތުތައް ސިއްރުކުރަން ޖެހޭ ކަމަށް ބުނެ އެމެރިކާ ސަރުކާރުން މިހާތަނަށް ހާމަކުރީ 13،000 އެއްހާ ޑޮކިއުމެންޓެވެ. މި ޑޮކިއުމެންޓުތަކުގެ ތެރޭގައި ހިމެނޭ ލިޔެކިޔުންތަކުގެ އަދި ފޮޓޯތަކުގެ ބައިތައް ހުރީ ސިއްރުކޮށްފަ އެވެ.