އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ: 200 ދުވަސް ފަހުން އޭސީސީން ޖޭއެސްސީގެ ރިޕޯޓު ހޯދައިފި
އަދަދު
20 ޑިސެމްބަރު 2025 | ހޮނިހިރު | 11:37
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރިތާ 200 އަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ އެ ދެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ނުކޮށް ބާއްވާފައި އޮތުމަށް ފަހު، ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ތައްޔާރުކުރި ރިޕޯޓު އެންމެ ފަހުން ހޯދައިފި އެވެ.
މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް ބުނީ ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓު ހޯދަން އޭސީސީން ހުށަހެޅުމުން، މީގެ މަހެއްހާ ދުވަސްކުރިން އެ ރިޕޯޓު އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައަކީ އޭސީސީން ފޮނުވި ސިޓީއަކާ ގުޅިގެން ޖޭއެސްސީން ބަލަން ފެށި މައްސަލައަކަށް ވީއިރު، ފަނޑިޔާރުން ވަކިކޮށް އެތައް ދުވަހެއް ވީއިރުވެސް ތަހުގީގު ނުނިމި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
"ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ފެށީ އޭސީސީން ޖޭއެސްސީ އަށް ފޮނުވި ސިޓީއަކާ ގުޅިގެން. ނަމަވެސް ފަނޑިޔާރުން ވަކިކޮށް އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް ކުރަމުން ދިޔަ އެ ތަހުގީގު ނުނިމި އޮތުމަކީ ހައިރާންވާންޖެހޭ ކަމެއް،" އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.