ބިޔަ މަޝްރޫއުއަށް ބިން ކަނޑައެޅީ ހުޅުމާލޭގެ މާސްޓަ ޕްލޭން ގަޑުބަޑުކޮށް، އާންމު މަގަކާވެސް އެކު!
އަދަދު
21 ޑިސެމްބަރު 2025 | އާދިއްތަ | 9:01
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ ހިތްގައިމު ސަރަހައްދު ކަމަށްވާ "ޗެނަލް ޕާކް"ގެ ކުރިމަތީގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން އެންމެ ހަ ދުވަހުގެ މުހުލަތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއުލާނުކޮށްފައިވާ ބިޔަ މަޝްރޫއުއަށް ބިން ކަނޑައަޅާފައި ވަނީ މާސްޓާ ޕްލޭން އާއި ލޭންޑް ޔޫސް ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުކަން އެނގިއްޖެ އެވެ.
މިކަން އެޗްޑީސީގެ ބޯޑާއި މެނޭޖުމެންޓާ ގާތް ގުޅުމެއް އޮންނަ މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރުކޮށްދެ އެވެ.
މިއީ ހުޅުމާލެއިން ލަގްޒަރީ ހައުސިން މަޝްރޫއެއް ހިންގަން ދޫކުރާ އެންމެ ބޮޑު ބިމެވެ. 15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއުއަށް ދޫކުރަން ނިންމާފައި ވަނީ 125,387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ.