ބޭރުގެ އިންވެސްޓަރުންގެ އަތުން އެޗްޑީސީގެ ބޯޑު މެންބަރުން މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާކަމުގެ ތުހުމަތު
އަދަދު
22 ޑިސެމްބަރު 2025 | ހޯމަ | 12:26
ހުޅުމާލޭގެ ތިން ފިޔަވަހީގެ ބިންތަކުގެ މިލްކުވެރި ފަރާތް ކަމަށްވާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުން ރާއްޖެއިން ބޭރުގެ އިންވެސްޓަރުން އަތުން މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާކަމުގެ ތުހުމަތު އާންމުންގެ މީހަކު ކޮށްފި އެވެ.
ރައީސް މުހައްމަދު މުއިއްޒު މިރޭ ހުޅުމާލެ ފުރަތަމަ ފިވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި އެ މީހާ ފުރަތަމަ ބުނީ އެ ވާހަކަ ދައްކަން ބޭނުންވަނީ ލައިވް ޓީވީގައި ނޫން ކަމަށާއި މުއިއްޒު އަރިހުގައި ކަމަށެވެ. ނަމަވެސް ކޮންމެ ވެސް ވަރެއްގެ ތަފުސީލެއް ދިނެވެ.
އެގޮތުން، ބޭރުގެ އިންވެސްޓަރުން ލައްވާ އެޗްޑީސީއިން 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ ބޯޑު މެންބަރުން އެތައް ލައްކައެއްގެ ޑޮލަރު އަމިއްލަ ޖީބަށް ޖަމާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.