ނަދީމަށް މުއްދަތު ޖެހީ ގާނޫނީ ހަމަތަކާ ހިލާފަށް، އަޑުއެހުން ސިއްރުކުރި ގަޑި ކޯޓަށް ވެސް ނޭނގޭ: ވަކީލު
އަދަދު
23 ޑިސެމްބަރު 2025 | އަންގާރަ | 10:03
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމްއަށް ބަންދުގެ މުއްދަތު ޖެހީ މަގުބޫލު އުޒުރެއް ނެތި ސިއްރުން ބޭއްވި އަޑުއެހުމެއްގައި ކަމަށާއި އެއީ ގާނޫނުއަސާސީއާ ހިލާފަށް ބޭއްވި އަޑުއެހުމެއް ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި ބުނެފި އެވެ.
މި އަހަރުގެ މާޗު މަހު ފެށި ތަހުގީގަކަށް ބިނާކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނަދީމު ހިމެނޭހެން ފަސް މީހުން ހައްޔަރުކުރީ ޑިސެމްބަރު 3، ގަ އެވެ. އޭނާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ޖެހީ 30 ދުވަހެވެ. އެ މައްސަލަ ނަދީމުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ އެ ކޯޓުގައި ވަނީ އިސްތިއުނާފު އަޑުއެހުންތައް ފަށާފަ އެވެ.
ނަދީމުގެ ފަރާތުން ވަކީލު އިބްރާހިމް ޝަމީލް އެދުނީ އޭނާއަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ބަންދުގެ މުއްދަތު ޖެހި މަޖިލިސް ކުރިއަށްގެންދިޔައީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ހ. އާއި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށްވާތީ އެ އަމުރު ބާތިލުކޮށްދިނުމަށެވެ. އެ މާއްދާގައި ބުނަނީ ހާމަކަމާއެކު އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.