ހުޅުމާލޭގައި 10 ބުރިއަށް ނަގަން ހުއްދަ ދެނީ އިހަށް ދުވަހު ހެދި މާސްޓާޕްލޭނާ ހިލާފަށް
އަދަދު
24 ޑިސެމްބަރު 2025 | ބުދަ | 1:41
ހުޅުމާލޭގެ ދެ ފިޔަވަހިން އަމިއްލަ މީހުންނަށް ދިރިއުޅެން ދޫކޮށްފައި ހުރި ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވާއިދުތައް ބަދަލުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މި ދާދި ފަހުން އާންމުކުރި ހުޅުމާލޭގެ މާސްޓާޕްލޭނާ ހިލާފަށް ކަން "އަދަދު" އަށް އެނގިއްޖެ އެވެ.
ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އާންމުކުރީ މި އަހަރުގެ މެއި 26، ގަ އެވެ. އާ މާސްޓާޕްލޭންގައި އެންމެ ބޮޑު ބަދަލުތަކެއްގެ ގޮތުގައި ފޭސް ދޭކާއި ފޭސް ތިނެއްގެ ބިން ގުޅުވާލައިގެން ހިއްކުމާއި، ބަނދަރު ސަރަހައްދު ބޮޑުކުރުމެވެ. މިއީ، ހުޅުމާލެއަށް އެކުލަވާލި ހަތަރު ވަނަ މާސްޓާޕްލޭނެވެ.
މި މާސްޓާޕްލޭންގައި އޮތް ގޮތުން، ހުޅުމާލޭގެ އެއް ވަނަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހިން، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހިމެނޭހެން، އެންމެ އުސްކޮށް އިމާރާތްކުރެވެނީ ހަތް ފަންގިފިލާއަށެވެ. އެއަށް ވުރެ އުސްކޮށް އިމާރާތްކުރެވެނީ ސޯޝަލް ހައުސިން އާއި މެދު ފަންތީގެ ހައުސިން އާއި ލަގްޒަރީ ހައުސިންއަށް ހާއްސަކޮށްފައިވާ ބިންތަކުގަ އެވެ. މި ބިންތަކުގައި އިމާރާތްކުރެވޭނީ 15 ފަންގިފިލާއަށެވެ.