ފުލުހަކަށް ހަމަލާދިން ތިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފި
އަދަދު
26 ޑިސެމްބަރު 2025 | ހުކުރު | 9:36
މާލޭގެ މަގުމަތީގައި ގުރޫޕް ހަދައިގެން ތިބި ބަޔަކު ބަލައި ފާސްކުރުމަށް ހުރަސްއަޅައި، ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މިކަން ހިނގާފައިވަނީ މި މަހުގެ 23 ވީ އަންގާރަ ދުވަހުގެ ހަވީރު 16:15 އެހައިކަންހާއިރު، އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައެވެ.
އެ ސަރަހައްދުގައި ގުރޫޕް ހަދައިގެން ތިބި ބަޔަކު ފެނުމުން، އެމީހުންގެ އަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ބަލައި ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނަށް އިންޒާރު ދިން ކަމަށާއި އެއަށް ފަހު ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ފުލުހުން، މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.