ވަޒީފާއަށް ދަމުން ފުލްޓައިމްކޮށް ޕީއެޗްޑީ ނުހެދޭނެ ކަމަށް އެމްކިޔުއޭއިން އަންގައިފި
އަދަދު
26 ޑިސެމްބަރު 2025 | ހުކުރު | 1:05
ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ) ޕްރޮގްރާމެއްގައި ވަޒީފާ އަދާކުރަމުން ބައިވެރިވާނަމަ ޕާޓްޓައިމް އުސޫލުން ކިޔަވަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިއްޔެ އަންގައިފި އެވެ.
އެމްކިޔުއޭއިން ނެރުނު އިއުލާނެއްގައި ވަނީ، ރާއްޖޭގައި ހިނގާ ޕީއެޗްޑީ ޕްރޮގްރާމުތަކަށް ވެސް، ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނެ ގޮތުގައި އުސޫލުގައިވާ މުއްދަތުތަކުގެ މިންގަނޑު، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، ތަތުބީގުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ފުލްޓައިމް މުއްދަތު ކަމަށް ބަލާނީ، އެމްއެންކިއުއެފް ގައިވާ ގޮތަށް މަދު ވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޕާޓްޓައިމް މުއްދަތު ކަމަށް ބަލާނީ، މަދު ވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ ނުވަތަ އެއަށް ވުރެ މަދު މަދު ނޫން މުއްދަތެކެވެ.