ނަންޓޮންގްގެ ހުށަހެޅުން: ބިމުގެ އަގު ދެބައިކުޅަ އެއްބައި މައާފުކޮށް، އެޗްޑީސީއާއެކު ޖޭވީ އަކަށް
އަދަދު
29 ޑިސެމްބަރު 2025 | ހޯމަ | 9:17
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނެލް ޕާކް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ލަގްޒަރީ ހައުސިން މަޝްރޫއު، ޗައިނާގެ ނަންޓޮންގް ޒިންހުއާ ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރަން އެޗްޑީސީއިން ނިންމިއިރު، އެ މަޝްރޫއަށް ދޭ ބިމުގެ އަގުން 50 ޕަސެންޓު ކުޑަކޮށްދޭން އެ ކުންފުނިން އެދިފައިވާކަން ހާމަވެއްޖެއެވެ.
މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެޗްޑީސީއިން ހުޅުވާލީ 18 ޑިސެމްބަރުގަ އެވެ. އެ އިއުލާނުގައި އީއޯއޭ ހުށަހެޅުމަން އޮތް ސުންގަޑިއަކީ ޑިސެމްބަރު 24، ގެ 12:00 އެވެ. ނަންޓޮންގް ކުންފުންޏަށް މަޝްރޫއު ދޭން ނިންމީ ހުށަހެޅުންތައް ލިބުނުތާ 24 ގަޑިއިރު ވެސް ނުވަނީސް ޑިސެމްބަރު 25، ގައި ބޭއްވި އެޗްޑީސީގެ ބޯޑު ބައްދަލުވުމުގަ އެވެ.
މި މަޝްރޫއު އަށް ޝައުގުވެރިވެ ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ލިޔުންތައް ފުރިހަމަ ކަމަށް އެޗެޑީސީން ނިންމީ ތިން ކުންފުންޏެއްގެ އެވެ. އެއީ، އިއުލާނު ކުރުމުގެ ކުރިން ވެސް ޝައުގުވެރިކަން ފާޅުކޮށް ލިޔުންތައް ހުށަހަޅާފައި އޮތް ނަންޓޮންގްގެ އިތުރުން ޗައިނާގެ ރޮޓައިމް އާއި ރާއްޖޭގެ އެސްޖޭ ކޮނސްޓްރަކްޝަން އެވެ.