ބޯހިޔާވަހިކަމަށް 196 މިލިއަން ހަރަދުކުރިއިރު، އެއާޕޯޓުތަކަށް ތިން ބިލިއަން ހަރަދުކޮށްފި
އަދަދު
28 ޑިސެމްބަރު 2025 | އާދިއްތަ | 10:46
"ބޯހިޔާވަހިކަމުގެ ބަޖެޓު" ކަމަށް ސަރުކާރުން ބުނި ބަޖެޓުން ބޯހިޔާވަހިކަމަށް ބަޖެޓު ކުރި އަދަދާ ގާތަށް ވެސް ހަރަދު ނުކުރާއިރު، އެއާޕޯޓުތައް އަޅަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން އެންމެ ބޮޑު އަދަދެއް ހަރަދު ކުރީ ދަތުރުފަތުރުގެ އުމްރާނީ ތަރައްގީއަށެވެ.
އެ ގޮތުން މި އަހަރުގެ 48 ވަނަ ހަފުތާގެ ނިޔަލަށް ޕީއެސްއައިޕީއަށް ހަރަދުކުރި 7.4 ބިލިއަން ރުފިޔާގެ ތެރެއިން 4.4 ބިލިއަން ރުފިޔާ ހަރަދުކުރީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ހަރަދެއް ހިނގީ އެއާޕޯޓުތަކަށެވެ.