ގުޅީފަޅު ގޯތިތަކުގެ އިންތިޒާރުގައި ތިބި މީހުންނަށް މިނިސްޓަރުގެ އާ ޖަވާބެއް
އަދަދު
29 ޑިސެމްބަރު 2025 | ހޯމަ | 9:29
ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން ދިގުލައި ގޮސް، އާންމުންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު، އެކަން ލަސްވާ ސަބަބާއި، އެކަމަށް އޮތް ހައްލު ހާމަކުރައްވައިފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، ގުޅީފަޅަކީ ބޮޑު ސަރަހައްދަކަށް ވެފައި، އެތަނުގައި އެއްގަމު ދަތުރުފަތުރުގެ ދަތިކަން ހުރުމަކީ ގޯތި ހަވާލުކުރުން ލަސްވާ މައިގަނޑު ސަބަބު ކަމަށެވެ. އެހެންކަމުން، ގޯތި ލިބުނު ފަރާތްތަކަށް ބިން ދެއްކުމުގެ ކަންކަން ހަލުވިކުރުމަށްޓަކައި ވަރަށް އަވަހަށް އެ ރަށަށް ބަހެއް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ވަރަށް ބޮޑު ސަރަހައްދަކަށްވެފައި ދަތުރުފަތުރުގެ އަދި ވަކިން ހާއްސަކޮށް އެއްގަމު ދަތުރުފަތުރުގެ ދަތިކަން ގުޅީފަޅުގައި ހުރުމާ އެއްކޮށް ގޯތި ހަވާލުކުރުން ކޮންމެވެސް ވަރަކަށް ލަސްވެފައިވާތީ އަޅުގަނޑުމެން ބަހެއް ހޯދައި އެ ރަށަށް ބަހެއް ގެންދިޔުމުގެ މަސައްކަތް އެބަ ކުރިއަށްގެންދެވޭ. ބަސް ކުރިއަށް ގެންދެވުމާ އެއްކޮށް އަޅުގަނޑުމެންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް އަވަސް ކުރެވިގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ