އުމުރަށް ޖަލަށްލި ދެ މީހުންގެ ހުކުމް ބާތިލުކޮށް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ބަލަން އަންގައިފި
އަދަދު
31 ޑިސެމްބަރު 2025 | ބުދަ | 6:32
ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވި ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލަތައް އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ ދެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ޖެނުއަރީ 19، 2022 ގަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ވެސް އެ ދުވަހު ކޯޓުން ހުކުމް ކުރި އެވެ. އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ހައިޝަމް އާއި ޒިހާންގެ މައްސަލަ އެ ދެ މީހުންގެ ފަރާތުން އިސްތިއުނާފު ކުރިއިރު އިސްމާއީލް ރަޝީދާއި ދިފްރާނުގެ ބައި އިސްތިއުނާފު ކުރީ ދައުލަތުގެ ފަރާތުންނެވެ. އަނެއް ދެ މީހުންގެ މައްސަލް އިސްތިއުނާފަށް ހުށަހަޅާފައި ނުވެ އެވެ.