މިދިޔަ އަހަރު ނިމުނުއިރު ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،000 މެންބަރުން
އަދަދު
3 ޖެނުއަރީ 2026 | ހޮނިހިރު | 10:03
މިދިޔަ އަހަރު ނިމުނުއިރު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 74،048 މެންބަރުން ތިބިއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބީ 43،784 މެންބަރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އީސީން މިދިޔަ އަހަރު ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް ހާމަކުރި ލިސްޓުގައި 10،000 މެންބަރުން ހަމަވަނީ ދަފްތަރުގައި ތިބި ނުވަ ޕާޓީގެ ތެރެއިން ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެކަންޏެވެ. ޖޭޕީގައި މިދިޔަ އަހަރުގެ ނިޔަލަށް 12،343 މެންބަރުން ތިއްބެވެ.
ޕީއެންސީއަށް ގިނަ މެންބަރުންތަކެއް މިދިޔަ އަހަރު ވައްދާފައިވާއިރު، އެ ޕާޓީއަށް ބައެއް މީހުން ވަގަށް ވައްދާ މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އެގޮތުން އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިގެން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.