ސްކޫލްތަކުގައި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިނުދެވޭ ގޮތް ހަދަން ގޮވާލައިފި
އަދަދު
4 ޖެނުއަރީ 2026 | އާދިއްތަ | 7:00
ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުން ވީހައިވެސް މަދުކޮށް އެކަން ހުއްޓާލެވޭނެ ގޮތެއް ހޯދަން ގޮވާލައި ދީނީ އިލްމުވެރިންގެ ގުޅުމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އަށް ސިޓީއެއް ފޮނުވައިފި އެވެ.
އެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިސްލާމް ދީނާއި ހިލާފު ބައެއް ކަންކަން އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ ކަންބޮޑުވަނީ ސްކޫލުތަކުގައި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދޭތީ ކަމަށެވެ.
ކުރިން ރާއްޖޭގެ ސްކޫލުތައް އޮތީ ފުދޭވަރަކަށް ބޮޑަށް ދެ ޖިންސު ވަކިވެފައި ކަމަށް އިލްމުވެރިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ވަކި ޖިންސަށް ހާއްސަ ކްލާސްތަކާއި ސްކޫލުތައް ހުރި ހުރުން ފާހަގަކުރި އެވެ. އަދި، 2008 ގައި އުފެދުނު ސަރުކާރުން އެކަން ބަދަލު ކުރި ކުރުން މި ސިޓީގައި ކުށްވެރިކޮށްފައިވެ އެވެ.