ވޯލްޑް ބޭންކްގެ 33 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ނުލިބި ގެއްލިއްޖެ: ޝަމްހީދު
އަދަދު
6 ޖެނުއަރީ 2026 | އަންގާރަ | 1:19
ވޯލްޑް ބޭންކުގެ ސަސްޓެއިބަނަލް ޑިވެލޮޕްމަންޓް ފައިނޭންސިން ޕޮލިސީގެ ދަށުން ލިބެން އޮތް 33.7 މިލިއަން ޑޮލަރުގެ އެހީ ނުލިބި ގެއްލިއްޖެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޯލްޑް ބެންކުގެ 33.7 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ގެއްލުނީ ދައުލަތުގެ މާލިއްޔަތު މެނޭޖްކުރުމަށް މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތާއި، ހާއްސަކޮށް ދަރަނި މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ވޯލްޑް ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސިން ޕޮލިސީގެ ދަށުން ލިބެން އޮތް 33.7 މިލިއަން ޑޮލަރު (519 މިލިއަން ރުފިޔާ) ގެ އެހީ ނުލިބި، ގެއްލިގެން ހިނގައްޖެކަމުގެ މައުލޫމާތު އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.