ނުއަގުގައި ބިންތައް ދީގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މުއިއްޒު ގޮވައިގެން ކޯޓަށް ދާނަން: އަލީ އާޒިމް
އަދަދު
9 ޖެނުއަރީ 2026 | ހުކުރު | 1:21
މާލެ ސިޓީގެ މޭޔަރަކަށް މުހައްމަދު މުއިއްޒު ހުންނެވިއިރު މާލެ ސިޓީގެ ބިންތައް ނުއަގުގައި ދިން މައްސަލައިގައި ލިބުނު ގެއްލުން ހޯދަން ކޯޓަށް ދާނެ ކަމަށް އެމްޑީޕީގެ މާލޭ މޭޔަރު ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ މޭޔަރުކަމަށް އިންތިހާބުވެއްޖެނަމަ މާލޭގެ ބިންތައް ނުއަގުގައި މުއިއްޒު ދިން މައްސަލަ ފުލުހަށް ހުށަހެޅުމުގެ ބަދަލުގައި، ސިޓީ ކައުންސިލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ މުއިއްޒު ގޮވައިގެން ކޯޓަށް ދާނެ ކަމަށެވެ.
"މިއަދުވެސް އެބައޮތް ސިޓީ ކައުންސިލަށް މުއިއްޒު ގޯސްކޮށް ކޮށްފައި ހުރި ކަންކަމުގެ ބަދަލު ހޯދަން ކޯޓަށް ދެވެން. ބަދަލު ހޯދަން. އެއީކީއެއް ކޮންމެހެން ފުލުސް އޮފީހަށް ހުށަހަޅަންޖެހޭ މައްސަލަތަކެއް ނޫން. މަދަނީ މައްސަލަތަކަކީ ސީދާ ކޯޓަށް ދެވޭނެ ގޮތަށް ގާނޫނުގައި ވެސް އެބައޮތް ސިޓީ ކައުންސިލަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާނަން ކޯޓަށް ބަދަލު ހޯދަން،" އާޒިމް ވިދާޅުވި އެވެ.