ވައި ނުސާފުވެ ދުރު ނުފެންނާތީ މަތިންދާބޯޓު ދަތުރު ކުރާއިރު އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކޮށްފި
އަދަދު
10 ޖެނުއަރީ 2026 | ހޮނިހިރު | 6:28
ރާއްޖޭސަރަހައްދުގެ ވައި އާދަޔާހިލާފަށް ނުސާފުވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، ވައިގެ ދަތުރުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު އިރުވައި މޫސުން ފެށުމާއެކު އިންޑިއާއިން އަންނަ ނުސާފު ވައި ރާއްޖޭގެ ސަރަހައްދަށް ޖަމާވެ ވަރަށް ބޮޑަށް ވައި ތަގައްޔަރުވެ އެވެ. މި ފަހުގެ އަހަރުތަކުގައި މިކަން އަންނަނީ ތަކުރާރުވަމުންނެވެ. އަދި ވައި ނުސާފުވާ މިންވަރު އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ރާއްޖޭގެ އެހެން ބައެއް އެއާޕޯޓުތައް ވެސް ހިންގާ ސަރުކާރުގެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ސަބަބަކާހުރެ ދުރަށް ފެންނަ މިންވަރު ދަށްވެއްޖެނަމަ ދަތުރުކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ.