ގއ. އަތޮޅުގެ ޑްރަގް ނެޓްވޯކްގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފި
އަދަދު
12 ޖެނުއަރީ 2026 | ހޯމަ | 12:31
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޮޕަރޭޝަންގައި 10 ތަނެއް ބަލައިފާސްކޮށް ހައްޔަރުކުރީ ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހް ލަތީފް، 28 އާއި ގއ. ވިލިނގިލި، މިއުޒިކީއާގެ، އަހްމަދު މަދީހު، 33 އާއި ގއ. ވިލިނގިލި، އައިޒަން، އަހްމަދު އަނާމް އިބްރާހިމް، 30 އަދި ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް، 35 އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ޝައްފާހް ލަތީފާއި އަހްމަދު މަދީހާއި އަހްމަދު އަނާމް އިބްރާހިމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެއިތުރުން ނޫރުއްނިޒާމްގެ ބަންދަށް ޖެހީ 15 ދުވަހެވެ.