މުއިއްޒު ވިދާޅުވި ގޮތަށް ނިލަންދޫގެ ފެނުގެ މަޝްރޫއު މިދިޔަ އަހަރަކު ނުނިންމުނު
އަދަދު
12 ޖެނުއަރީ 2026 | ހޯމަ | 12:29
ފ. ނިލަންދޫ ރައްޔިތުންނާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20، ގައި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ވައުދުވެވަޑައިގެންނެވި ގޮތަށް އެ ރަށުގެ ފެނުގެ މަޝްރޫއު މިދިޔަ އަހަރަކު ނުނިންމުނެވެ.
ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ފެނުގެ މަޝްރޫއުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި 2025 ވަނަ އަހަރުގެ ތެރޭގައި މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް ނިމިފައި މިހާރު މިހިރީ. އެހެންވީމާ، އަޅުގަނޑުމެން އަންދާޒާ ކުރަނީ ދެ މަހެއްހާ ދުވަހޭ އެންމެގިނަވިޔަސް ވާނީ. ކޮންމެގޮތެއްވިޔަސް، މި އަހަރު ތެރޭގައި ހަމަ ޔަގީނުން ވެސް އިރާދަކުރެއްވިއްޔާ ނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.