ވޯޓު ގަންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ބާރު ނިގުޅައިގަންނަ ބައެއް، ރިޝްވަތު ދީފި ނަމަ ރިޕޯޓު ކޮށްދީ: އޭސީސީ
އަދަދު
12 ޖެނުއަރީ 2026 | ހޯމަ | 5:51
ވޯޓު ގަންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އެ މީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ތާއީދު ހޯދުމަށް ރިޝްވަތު ދީފި ނަމަ ރިޕޯޓު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާންމު އިންތިހާބުތަކާ ދިމާކޮށް އާންމުންގެ ތާއީދު ހޯދުމަށާއި މީހުން ލައްވައި ވޯޓު ލެއްވުމަށް ރިޝްވަތު ދޭކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް އިތުރުވަމުން ދިޔުމަކީ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރާނެ ކެންޑިޑޭޓުން ނިންމާން ޖެހޭނީ ރައްޔިތުން އަމިއްލައަށް ކަމަށާއި ވޯޓު ލާނެ މީހުން ކަނޑައެޅުމުގަ އާއި ވޯޓުލުމުގެ ހައްގު އަދާކުރުމުގައި ނަޒާހާތްތެރިކަން އިސްކުރުމަށް އޭސީސީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.