ދަރަނި ދައްކަން ނަގާ 300 މިލިއަން ނަގަން އުޅެނީ ކާގިލްސްއިން ބޮޑު އިންޓްރެސްޓެއްގައި
އަދަދު
13 ޖެނުއަރީ 2026 | އަންގާރަ | 2:30
މި އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާނެ ފައިސާ ހަމަޖައްސަން ވެގެން ސަރުކާރުން ނަގަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ 300 މިލިއަން ޑޮލަރުގެ ލޯނު ދޫކުރަން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަރަށް ބޮޑު އިންޓްރެސްޓެއް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ސަރުކާރުން މި ލޯނު ނަގަން އުޅޭ ކަމަށް އަދަދު އިން ފުރަތަމަ ރިޕޯޓު ކުރީ ނިމުނު ޑިސެމްބަރު 28، ގަ އެވެ. އޭރު، ސަރުކާރާއި މާލީ އިދާރާތަކުގެ މަތީ ފަންތީގައި މިފަދަ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ އިތުރަށް ލޯނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.
މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި ކާގިލްސްއިން ވަނީ ސަރުކާރުން ބޭނުންވާ ވަރުގެ ލޯނެއް ދޫކުރަން ހުށަހަޅާފަ އެވެ. ނަމަވެސް އެ ހުށަހެޅުމާ ސަރުކާރުން އަދި ގޮތެއް ނުނިންމާ ވަނީ އިންޓްރެސްޓު ރޭޓު ބޮޑުކަމުންނެވެ. ރޭޓު ބޮޑު ކަން ކަށަވަރު ކުރެވުނު ނަމަވެސް ސީދާ ރޭޓަކީ ކޮބައި ކަމެއް ކަަށަވަރު ކުރެވޭ ގޮތެއް ނުވެ އެވެ.