ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ރިވިއުގައި ރާއްޖެއިން ބައިވެރިވެ މައުލޫމާތުދީފި
އަދަދު
14 ޖެނުއަރީ 2026 | ބުދަ | 9:02
ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން 2021 ވަނަ އަހަރު ރާއްޖެއިން ހުށަހަޅާފައިވާ 6-7 ވަނަ ޕީރިއޮޑިކް ރިޕޯޓު، އދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް ކޮމިޓީން ރިވިއުކުރަން ބޭއްވި ސެޝަންގައި ރާއްޖެއިން ބައިވެރިވެ މައުލޫމާތު ދީފި އެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ރިވިއުގައި މުއާހަދާ ތަންފީޒުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރާއްޖެއިން ޖަވާބުދީފައިވެ އެވެ.
މި ރިވިއުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ ވެރިޔާގެ ހައިސިއްޔަތުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ބައިވެރިވެވަޑައިގެން ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށާއި ކޮންމެ ކުއްޖެއްވެސް ބޮޑުވަނީ ކަރާމާތާއި ރައްކާތެރިކަން ލިބިގެން ކަމާއި، އެ ކުދިން ދެކޭގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކޮށްދިނުމަކީ ރާއްޖެއިން އިސްކަމެއްދޭ ކަމެއް ކަމަށެވެ.