ސުކޫކު ދައްކަން ރިޒާވް އާއި ގައުމުގެ މިނިވަންކަން ނުރައްކަލަކަށް ހުށަހެޅިގެން ގޮސްދާނެ: ފައްޔާޒު
އަދަދު
19 ޖެނުއަރީ 2026 | ހޯމަ | 7:50
ކުރިއަށް އޮތް އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ދިވެހި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އަދި ބިދޭސީންނަށް ބިން މިލުކުރެވޭ ގޮތް ހަދައި ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ހިސާބަށް ގޮސްދާނެ ކަމުގެ އިންޒާރު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދެއްވައިފި އެވެ.
ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުކޫކު ދެއްކުމަށް މާކުރިން ތައްޔާރުވާންޖެހޭ ކަމަށާއި ނަމަވެސް، މި ސަރުކާރުން އެކަމާ މެދު އަމަލުކުރާނެ އިތުބާރު ހުރި ފިސްކަލް ރޭވުމެއް މިހާތަނަށް ދައްކާފައި ނުވާ ކަމަށެވެ.
ސުކޫކު ދެއްކުމަށް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަރަށް ބޮޑު އިންޓްރެސްޓެއްގައި 300 މިލިއަން ޑޮލަރު ނަގަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވާއިރު، އެކަމަށް އިޝާރަތް ކުރައްވައި ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުން އިތުރަށް ދަތިވާނެ ފަދަ 'ޑަބަލް ޑިޖިޓް' ގެ އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނަގަމުންދާ ކަމަށް ދެކެވޭ ވާހަކަތަކުގެ ސާފު ޖަވާބެއް ރައްޔިތުންނާއި ވިޔަފާރިތަކަށް އެނގެންޖެހޭ ކަމަށެވެ.