ފައިސާ ނުދެވެނީ ދަރިވަރުންގެ ސަބަބުން ކަމަށް ހައިދަރު ވިދާޅުވެއްޖެ
އަދަދު
19 ޖެނުއަރީ 2026 | ހޯމަ | 3:19
ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ދިގުލައިގެންދަނީ އެ ދަރިވަރުންގެ ސަބަބުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑްކާސްޓުގައި ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ފައިސާ ދޫނުކުރެވި ދިގުލައިގެންދާ މައިގަނޑު ސަބަބަކީ މިނިސްޓްރީއަށް ބޭނުންވާ ބައެއް ލިޔުންތައް ދަރިވަރުންގެ ފަރާތުން ނުލިބުމުން ކަމަށެވެ.
"އަޅުގަނޑުމެން ހޯދަންޖެހޭ ލިޔެކިޔުންތައް ބަރާބަރަށް ނުލިބިގެންނޭ އެހާ ހިސާބަށް ދަނީ. ނޫނީ އެއަށް ބޭނުންވާ އަދަދަށް ފައިސާ ދޫކުރެވެން އުސޫލުގެ ތެރެއިން ނެތީމަ އެކަންތައްތައް ދިގުލައިގެން ދިޔުމުގެ ތެރޭގައި ވެސް އެބަހުރެއޭ އެކަހަލަ މައްސަލަތައް ދިމާވެފައި އެނގޭތޯ," މިނިސްޓަރު ވިދާޅުވި އެވެ.