ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނުފަށާތީ އުކުޅަސް ގިރާލައިގެން ދިޔުމުގެ ބިރުބޮޑުވެއްޖެ
އަދަދު
20 ޖެނުއަރީ 2026 | އަންގާރަ | 7:10
ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މިދިޔަ ސަރުކާރުގެ ދުވަސްވަރު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއު އަދިވެސް ނުފަށައި އޮތުމުން އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް (މަނިކު) އަދަދު އަށް ވިދާޅުވީ އެ ރަށުގެ ގޮނޑުދޮށަކީ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެންމެ ބޮޑަށް ވިއްކާ އެކަތި ކަމަށެވެ. ނަމަވެސް، ރަށް ގިރުމުގެ ސަބަބުން ގޮނޑުދޮށުގެ ވަރަށް ބޮޑު ބައެއް މިހާރު ގިރާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބީޗު ގެއްލިގެންދާ މައްސަލައިގައި ކުރީ ސަރުކާރުން އެކުލަވާލައިފައި އޮތް ޕްރޮޖެކްޓެއް އެބަ އޮތް، ބީޗު ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓު އެއްގޮތަކަށް ވެސް ކުރިއަކަށް ނުގެންދޭ މި ސަރުކާރަކުންނެއް،" މަނިކު ވިދާޅުވި އެވެ.