މަޝްރޫއުތަކަށް އެއްބާރުލުން ނުދިން ކައުންސިލެއްގެ ނަމެއް ރައީސް އޮފީހަށް ނުބުނެވުނު
އަދަދު
21 ޖެނުއަރީ 2026 | ބުދަ | 10:39
ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ގުޅޭ ތަފްސީލީ މައުލޫމާތު ހޯދަން ހުށަހެޅުމުން، އެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.
ޕީއެންސީގެ މައި ޖަގަހަ މަރާމާތުކުރުމަށް ފަހު ޖެނުއަރީ 8، 2026 ގައި ރަސްމީކޮށް ހުޅުވުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ސަރުކާރާ އިދިކީލަ އަދި ސިޔާސީ ބޭނުމެއްގައި ބައެއް ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.
"މިއަދުވެސް އަޅުގަނޑު ބަލާލިއިރުގެ އިނގޭތޯ، މިއަދުވެސް އަޅުގަނޑު ބަލަން، އެކިއެކި މަޝްރޫއުތައް ހިނގާ ގޮތް. އެކިއެކި މަޝްރޫއުތައް އެކިއެކި ދާއިރާތަކުން ކުރިއަށް ގެންދިއުމުގައި ދިމާވެފައި ހުރި ދަތިތައް ބަލާލިއިރުގަ، މިއަދުވެސް އަޅުގަނޑަށް އަތަށް ލިބުނު ލިސްޓެއްގައި، އެތައް ރަށެއްގަ، މީގެ މަހެއް ދެމަހެއް ނޫނީ ތިންމަހެއް ކުރިން ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ފަށައިނުގަނަވެގެން އުޅެނީ ކީއްވެގެންތޯ ބަލާލިއިރު، ބިން ހަވާލުނުކޮށްގެން. ކައުންސިލުންނޭ ބިން ހަވާލުކުރަނީ. ކޮންކަމަކައްތޯ، މިސްކިތް އަޅަން، ސްކޫލުގެ އެކްސްޓެކްޝަން ހަދަން ނޫނީ ހެލްތު ސެންޓަރުގެ ކޮންމެވެސް ކަމެއް ކުރަން" މުއިއްޒު ވިދާޅުވިއެވެ.