އިންތިހާބުގެ ކުރިން މޫސާ އަލީ ޖަލީލު ފެއިލްވެއްޖެ: ޔާމީން
އަދަދު
23 ޖެނުއަރީ 2026 | ހުކުރު | 11:27
މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީ ޖަލީލަކީ، އިންތިހުބުގެ ކުރިންވެސް ފެއިލްވެފައިވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން މިފަދައިން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މޫސާ ޖަލީލު ހުންނަވާނީ ކުރީގެ މޭޔަރު (ރައީސް މުހައްމަދު މުއިއްޒު) ގެ ފިޔަވަޅުމަތީގައި ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ.
ޔާމީން ވިދާޅުވީ، މިއީ މޫސާ ޖަލީލަށް ކުރިމަތިވި ފުރަތަމަ އިމްތިހާނު ކަމަށާއި، މަގާމަށް އިންތިހާބުވުމުގެ ކުރިން އޭނާ އެވަނީ އެ އިމްތިހާނުން ފެއިލްވެފައި ކަމަށެވެ. މުޅި ރާއްޖޭގައި މުއިއްޒު މޭޔަރަކަށް ހުންނަވައިގެން ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަތަކުގެ އަޑުފަށްގަޑު ގަދަވެފައިވާއިރު، އެކަންކަން މޫސާ ޖަލީލަށް ނުފެނުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތު އުފުލޭނެ ފަދަ ގާބިލުކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް ޔާމީން ސިފަކުރެއްވިއެވެ.