"ސިޔާސީ ކާޓޫނު" ނަގަން އެންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން: އިންތި
އަދަދު
23 ޖެނުއަރީ 2026 | ހުކުރު | 11:47
އަދަދު ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫނެއް ނަގަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެ ކޮމިޝަނަށް ފާޑުވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، ދިވެހި މުޖުތަމައުގައި ވައްކަމާއި ރިޝްވަތު ދިނުން އިތުރުވަމުންދާ މިންވަރު ދައްކުވައިދިނުމަށް "އަދަދު" ނޫހުން ކުރަހާފައިވާ ކާޓޫނެއް ނެގުމަށް ކޮމިޝަނުން އިންޒާރު ދިނުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި ސުވާލު ކުރެއްވީ، ވައްކަން ކުރުން އާންމުވެފައިވާ މިންވަރު ބުނެދޭ ކާޓޫނެއް ޝާއިއުކުރުމުން އެ ނަގަން އެންގޭނެ އެއްވެސް ގާނޫނީ ހަމައެއް އޮވެދާނެތޯއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފެއްދި "ކޮންޓްރޯލް ކޮމިޝަނުން" ނޫސްވެރިކަމަށް އަރައިގަތުމެކެވެ.