އަދަދުގެ ކާޓޫނުން ނަމާދަށް ފުރައްސާރައެއް ނުކުރޭ، ފިޔަވަޅު އެޅުމަކީ ޑިކްޓޭޓަރުންގެ ސިފައެއް: އިލްޔާސް
އަދަދު
24 ޖެނުއަރީ 2026 | ހޮނިހިރު | 7:58
އަދަދު ނޫހުގެ ސިޔާސީ ކާޓުން ނަމާދަށް ފުރައްސާރައެއް ނުކުރާ ކަމަށާއި އެފަދަ ކާޓޫނުތަކާ ގުޅިގެން އަމިއްލަ މާނައެއް އީޖާދުކޮށްގެން ފިޔަވަޅު އަޅުމަކީ ޑިކްޓޭޓަރުންގެ ސިފައެއް ކަމަށް، ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު އިލްޔާސް ހުސައިން އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަދަދު ނޫހުގެ ފޭސްބުކް އަދި އެކްސްގައި ޝާއިޢުކުރި އެ ކާޓޫނާ ގުޅިގެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް މީހުން ހިމެނޭހެން ކާޓޫނަށް ފާޑުކިޔުން ދާއިރު، އެ ކާޓޫނުގައި އެއްވެސް މައްސަލައެއް ނެތް ކަމާއި ކާޓޫނުން ދައްކުވައި ދެނީ މުޖުތަމައުގެ ހާލަތު ކަމަށް ބައެއް މީހުން ބުނެ އެވެ.
ސިޔާސީ ކާޓޫނާ ގުޅިގެން އިލްޔާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިކްޓޭޓަރުންގެ ދަށުލުމުގެ މަންޒަރު ސިފަކޮށްދޭ ކާޓޫނެއް ތަސްވީރު ކުރުމަކީ އެއްވެސް ހާލެއްގައި ނަމާދަށް ފުރައްސާރަ ކުރުން ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ކާޓޫނާއި ޅެމުގެ މާނަ އަބަދުވެސް އޮންނާނީ އެ އުފެއްދި ކަލާކަމީއެއްގެ "ބަނޑުތެރޭގައި" ފޮރުވިފައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.