އިންތިހާބު ޕީއެންސީއަށް ދީފި ނަމަ، ކައުންސިލްތައް ހިންގާނީ ސަރުކާރު ކުންފުނިތަކުން: ސަމީރު
އަދަދު
25 ޖެނުއަރީ 2026 | އާދިއްތަ | 12:05
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީއަށް ދީފި ނަމަ، ކައުންސިލްތައް ވެސް ހިންގާނީ ސަރުކާރު ކުންފުނިތައް މިހާރު ހިންގަމުންދާ ގޮތަށް ކަމަށް ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ސަމީރު ވިދާޅުވެއްޖެ އެވެ.
އަދަދު ގެ އެތެރެފުށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާ ބެހޭ އެތައް މައްސަލައެއް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ނުބަލައި ބާއްވާފައި އެބަހުރި ކަމަށެވެ. އޭގެތެރެއިން ބައެއް މައްސަލަތަކަކީ މަޖިލިސް ހުޅުވުނުތާ ކައިރީގައި ހުށަހެޅިފައި ހުރި މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބު، ރަށްރަށުގެ ކައުންސިލް އިންތިހާބު ޕީއެންސީ މި ރާއްޖެއިން ނަގައިފި ކަމުގައިވާ ނަމަ، އަޅުގަނޑުމެންނަށް ފެންނަނީ ކައުންސިލްތައް ވެސް ހިންގާނީ އެސްއޯއީތަކުން، ރަށްރަށުގެ ވެރިކަންތައް ވެސް ކުރާނީ އެސްއޯއީތައް މެދުވެރިކޮށް ކަމަށް،" ސަމީރު ވިދާޅުވި އެވެ.