އަދަދުގެ ކާޓޫނު އެއްވެސް މީހަކު ދައުރު ނުކުރަން މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އަންގައިފި
އަދަދު
25 ޖެނުއަރީ 2026 | އާދިއްތަ | 3:49
އަދަދު ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި "ސިޔާސީ ކާޓޫން" ގެ ވޮލިއުމް 22 އެއްވެސް މީހަކު ދައުރު ނުކުރަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން މިއަދު އަންގައިފި އެވެ.
ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ މި ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކާޓޫނަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެގުމަށް އަންގާފައިވާ ކާޓޫނަކަށްވާތީ، އެ ކާޓޫނު އެއްވެސް މީހަކު ދައުރު ނުކުރުމަށް އަންގާ ކަމަށެވެ.
"ޝާއިއުކޮށްފައިވާ ކޮންޓެންޓަކީ [ސިޔާސީ ކާޓޫން ވޮލިއުމް 22] އަކީ މި ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން އުނިކުރުމަށް (ރިމޫވްކުރުމަށް) އަންގާފައިވާ ކޮންޓެންޓެއް ކަމުގައިވާތީ، މި މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން އިސްވެ ދެންނެވުނު ކޮންޓެންޓް އެއްވެސް ފަރާތަކުން ދައުރު ނުކުރުމަށް އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރިން،" ކޮމިޝަނުން ބުންޏެވެ.