މިނިވަން ނޫސްވެރިކަމަށް ބިރު ދެއްކުން ހުއްޓާލުމަށް އަހުމަދު ޒާހިރު ގޮވާލައްވައިފި
އަދަދު
25 ޖެނުއަރީ 2026 | އާދިއްތަ | 9:33
ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސްވެރިންނަށް ބިރު ދެއްކުން ވަގުތުން ހުއްޓާލުމަށް ތަޖުރިބާކާރު ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ) ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ އަދި މިހާރު ދައުރު ނޫހުގެ މެނޭޖިން އެޑިޓަރަށް ހުންނެވި ޒާހިރު މިކަމަށް ގޮވާލެއްވީ، ޖެނުއަރީ 22 ގައި "އަދަދު" ނޫހުގެ އެކްސް އެކައުންޓާއި ފޭސްބުކްގައި ޝާއިއުކުރި ސިޔާސީ ކާޓޫނަކާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މި ނޫހަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ޒާހިރު ވިދާޅުވި ގޮތުގައި އެ ކާޓޫނަކީ ދީނަށް ފުރައްސާރަކުރުމުގެ ނިޔަތުގައި ކުރަހާފައިވާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ގެނެސްދީފައިވާ ކުރެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.