އިސްލާހުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް ނުނިމޭކަން ހާމަވެއްޖެ
އަދަދު
27 ޖެނުއަރީ 2026 | އަންގާރަ | 7:58
ދިވެހި ދައުލަތުގެ ފަރާތުން ބޭރުގެ އެކި ގައުމުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ހުރި ކަމަށް މި ސަރުކާރުން ބުނާ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާ މާއްދާތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އަދިވެސް އެ އެއްބަސްވުންތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަން ހާމަވެއްޖެ އެވެ.
މެއި 3، 2025 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.
ރެކޯޑު ހެދުމަށް ކުރިއަށްގެންދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު އެހެން ވިދާޅުވުމުން ކުރީ ސަރުކާރުގެ ވެރިންނާއި އާންމުންގެ ފާޑުކިޔުން މުއިއްޒުއަށް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކަށް އިޝާރާތްކޮށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ކަންބޮޑުވުން އޮތް އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. ދެން ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަން އިސްލާހުކުރަން މަޝްވަރާކޮށް ހައްލު ހޯދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.