އިންޑިއާގެ އެއްބަސްވުންތަކުގެ މައްސަލަ މަޖިލީހުގައި "ތާށިވެފައި" އޮންނަތާ ދޮޅު އަހަރު
އަދަދު
28 ޖެނުއަރީ 2026 | ބުދަ | 8:16
ކުރީގެ ސަރުކާރުން އިންޑިއާއާއެކު ހެދި އަސްކަރީ އަދި ސްޓްރެޓީޖިކް އެއްބަސްވުންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅި މައްސަލަ، އެއްވެސް ކުރިއެރުމެއް ނުލިބި ތާށިވެފައި އޮންނަތާ ދޮޅު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ޖޫން 10، 2024 ގައި ހުށަހެޅުއްވި މި މައްސަލަ ބެލުމަށް އެ ދުވަހު ކޮމިޓީން ނިންމައި ހަތަރު މެންބަރުންގެ ސަބް ކޮމިޓީއެއް އެކުލަވައިލިއެވެ. އެ ކޮމިޓީން ބަލަން ނިންމާފައިވަނީ ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅު އަދި ޑޯނިއާ މަތިންދާ ބޯޓާ ގުޅޭ އެއްބަސްވުންތަކުގެ މައްސަލައެވެ.
މި މައްސަލަ ބެލުމަށް އެކުލަވައިލި ސަބް ކޮމިޓީގައި ތިއްބަވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަދި މައްސަލަ ހުށަހެޅުއްވި އަހްމަދު އަޒާންއެވެ.