ބޮޑު ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އީސީ އަދި އޭޖީގެ ހިޔާލު ހޯދަނީ
އަދަދު
29 ޖެނުއަރީ 2026 | ބުރާސްފަތި | 10:51
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރަން ގާނޫނުއަސާސީއަށް ހުށަހަޅައިފައިވާ އިސްލާހަށް ސިޔާސީ ޕާޓީތަކާއި ބައެއް އިދާރާތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފި އެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އެ ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ކުރު ބައްދަލުވުމެއްގައި ފާސްކުރީ ޕާޓީތަކުގެ އިތުރުން އިލެކްޝަން ކޮމިޝަން (އީސީ) އާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފާ ހޯދުމަށެވެ.
ޕީއެންސީ ޕީޖީ ނައިބު ލީޑަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ އެ ފަރާތްތަކާއެކު އަންނަ ހޯމަ ދުވަހު ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމަށެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.