ކައުންސިލް އިންތިހާބު: މާދަމާ މުއްދަތު ހަމަވާނެ، މިހާތަނަށް ގަބޫލުކުރީ 2،888 ކެންޑިޑަންސީ
އަދަދު
31 ޖެނުއަރީ 2026 | ހޮނިހިރު | 6:43
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު މާދަމާ ހަމަވާއިރު، އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހެޅި 2،888 ކެންޑިޑަންސީ ގަބޫލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން އިން ބުނީ ރޭ 23:00 ޖެހުމާ ހަމައަށް ކެންޑިޑަންސީ ގަބޫލުކުރި 2،888 ކެންޑިޑޭޓުންގެ ތެރެއިން 1،556 ކެންޑިޑޭޓުންނަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަމަށެވެ. ބާކީ 1،332 ކެންޑިޑޭޓުުންނަކީ ޑަބްލިއުޑީސީގައި ވާދަކުރާ ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑަންސީ ގަބޫލުކުރި 1،556 ކެންޑިޑޭޓުންގެ ތެރެއިން 1،197 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ކަމަށްވާއިރު، ބާކީ 359 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.