ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަޝްވަރާ ކުރުމަށް މާރިޔާ ގޮވާލައިފި
އަދަދު
1 ފެބްރުއަރީ 2026 | އާދިއްތަ | 6:54
ދައުލަތުގެ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަޝްވަރާ ކުރުން މުހިންމު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކްސްގައި މާރިޔާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ދަރަނި ދައްކަން ސަރުކާރުން 17 އިންސައްތަ އިންޓްރެސްޓްގައި ލޯނު ނެގުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރުމާއި ޕެންޝަން އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާ ޗާޕު ކުރަން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުން އެ އޮފީހުގެ ޗެއާމަން މިއަދު އިސްތިއުފާ ދެއްވުމުން ގައުމުގެ އިގުތިސާދީ ހާލަތު އޮތް ފައްތަރު ދެން އޮޅުވައި ނުލެވޭނެ ކަމަށެވެ.
ދައުލަތުގެ ދަރަނީގެ ހާލަތު މިހާރު އޮތީ، ސަރުކާރަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް އެކަނި ހައްލު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް ކަމަށާއި ދަރަނީގެ މައްސަލަ ގައުމީ ކާރިސާއަކަށް ބަދަލުވެފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.