ހުލާސާކޮށް އިއްޔެ: ބޮޑު ވަފުދަކާއެކު މުއިއްޒުގެ ޖަރުމަނުވިލާތު ދަތުރަށް ބޮޑު ހަރަދެއް!
އަދަދު
3 ފެބްރުއަރީ 2026 | އަންގާރަ | 6:06
ޖަރުމަނުގެ ޔުނިވާސިޓީއެއްގައި ތަގުރީރު ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި އެ ގައުމަށް ފުރާވަޑައިގަންނަވަނީ އެންމެ ދެ ދުވަހަށް 22 މީހުންގެ ބޮޑު ވަފުދަކާއެކު ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މުއިއްޒު ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި ޖަރުމަނަށް ވަޑައިގެންނެވޭނީ އަންގާރަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ. ޖަރުމަނުން އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ފުރާވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މުއިއްޒު ޖަރުމަނުގައި ހޭދަ ކުރައްވާނީ ގިނަވެގެން ދެ ދުވަހެވެ. އެކަމަކު އެ ކުރު މުއްދަތަށް ވެސް އެމަނިކުފާނާއެކު 22 އޮފިޝަލުން ހިމެނޭ ޓީމެއް ފުރުމަށް ހަމަޖެހިފައިވާ ކަމަަށް ވެސް މި ނޫހާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.