ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަނީ ސަރުކާރުން ދެކޮޅު ނުޖެހޭ ހަރަދުތައް ކުރުމަށް: އާޒިމް
އަދަދު
3 ފެބްރުއަރީ 2026 | އަންގާރަ | 9:59
ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތުގެ ބޭނުމަކީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ހަރުދަތައް ކުރުމަށް ފައިސާ ހޯދުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މި މުއާމަލާތާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޕެންޝަން އޮފީހުން ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ޖުމުލަ 2.4 ބިލިއަންގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށެވެ. އެ މުއާމަލާތް ހިންގުމަށް ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ރުހުން ދީފަ އެވެ.
ގިނަ ބަޔަކު މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އާޒިމް ވެސް ވަނީ އެއީ ސީދާ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެއް ކަމަށް ވިދާޅުވެފަ އެވެ. އެމްއެމްއޭއިން މި މުއާމަލާތް ހިންގަން އެއްބަސްވި ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.