މުއިއްޒު ވިދާޅުވި 10 ރިސޯޓުގެ ހިސާބު ދިމައެއް ނުވޭ، މިއީ އޮޅުވާލުމެއް: ފައިސަލް
އަދަދު
6 ފެބްރުއަރީ 2026 | ހުކުރު | 2:35
އިއްޔެ އިއުލާނު ކުރެއްވި ލަގްޒަރީ 10 ރިސޯޓު ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކަށް އެތަނުގެ މިލްކުރެވިކަން ލިބޭ ސިޔާސަތަކީ އެއްވެސް އޮއްޓަރެއް ނެތް، އަދި ހިސާބުތަކުން ދިމާނުވާ "ހުސް ހާސަރު" ތަކެއްގެ ގޮތުގައި ސިފަކުރައްވައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް, ރައީސް މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، 2030 ވަނަ އަހަރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން ބޭނުންވާ 200 މިލިއަން ޑޮލަރު، 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް އެއްވެސް ހިސާބަކުން ނުފެންނަ ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއް އުޅުއްވި ފައިސަލް ވަނީ އެ ދާއިރާގެ އޮޕަރޭޝަނަލް ހަރަދުތަކާއި އާމްދަނީގެ ތަފްސީލީ ހިސާބުތަކެއް ދައްކަވައި، މުއިއްޒުގެ ރޭވުމަށް ގޮންޖައްސަވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވާއިރު، 10 ރިސޯޓަށް 800 މިލިއަން ޑޮލަރު ހޯދަން ޖެހެއެވެ.