ޗެނެލް 13 އިން ދެއްކި ޕްރޮގްރާމެއްގެ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފަށައިފި
އަދަދު
6 ފެބްރުއަރީ 2026 | ހުކުރު | 7:03
ޗެނެލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގެ މައްސަލަ މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ކޮންޓްރޯލް ކޮމިޝަނުން ބަލަމުން ދަނީ ޗެނެލް 13 އިން ޖެނުއަރީ 7، ގައި ގެނެސްދިން 'ޓޫ ޕޮއިންޓް އޯ' ޕްރޮގުރާމުގައި ދެއްކި ސަމާސާ ވާހަކައެއްގެ މައްސަލަ އެވެ. އެ ޕްރޮގްރާމު ހުށަހަޅައިދިން އަބްދުالله އެ ރޭގެ ޕްރޮގްރާމުގައި ހުސް ފޯނަކުން އެމެރިކާގެ ރައީސްއާ ވާހަކަދައްކާ ކަމަށް ދައްކައި ބުނީ، ވެނެޒުއޭލާގެ ރައީސްގެ ބަދަލުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެންދިޔަނަމަ، މާ އުފާވީސް ކަމަށެވެ.
އެ ވާހަކައާ ގުޅޭ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފެށީ ނޫސްވެރިންގެ ސުލޫކީ މިންގަނޑުގައި 'ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، މައުލޫމާތު ހާމަކުރަން ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރަންވާނެ' ކަމަށް ބަޔާން ކޮށްފައިވާ މާއްދާއާ ހިލާފުވި ކަމަށް ބުނެ އެވެ.