ސީރިޔާގައި ވެރިކަން ކުރާ އެޗްޓީއެސް އުނިކޮށް ރާއްޖެއިން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފި
އަދަދު
8 ފެބްރުއަރީ 2026 | އާދިއްތަ | 12:04
މީގެ ދެ އަހަރު ކުރިން ސީރިއާގެ ދުވަސްވީ ވެރިކަން ވައްޓާލައި ސަރުކާރާ ހަވާލުވި ހަނގުރާމަވެރި ޖަމާއަތް ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އުނިކުރުމަށްފަހު ދިވެހި ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ދެކޭ ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފި އެވެ.
ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފައި މިވަނީ އެއް އަހަރުގެ މެދު ކެނޑުމަކަށްފަހު އެވެ. ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ ލިސްޓު އެންމެ ފަހުން ނެރުނީ 2024 ވަނަ އަހަރު ނިމެން އެންމެ ދުވަހަކަށްވެފައި އޮއްވަ އެވެ.
ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ މި ލިސްޓު މިދިޔަ އަހަރު އާންމުނުކުރި ސަބަބެއް ސަރުކާރަކުން ނުބުނެ އެވެ. އެންމެ ފަހުން ނެރުނު ލިސްޓުގައި ހިމެނުނު ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން މިފަހަރު އުނިކޮށްފައިވަނީ އެޗްޓީއެސް އެކަންޏެވެ.